Malé
ޖާނަލް އޮފް ސަޢުދު

އަދުގެ ދުނިޔެވީ މަސްރަހު. ބުރަވެވޭ ނަޒަރިއްޔާތުތައް.

އިޝްތިހާރު

ވީޒާއަކީ ކޮބައިތޯ؟ އީގަލް ހިލްސްއާއި ރަސްމާލެ އަދި ”ސެޓްލާ ސްޓްރޯމޭން“ގެ ހުއިބުދަށް ގަޅިއުކުން

މި ލިޔުން ޙިއްސާކުރައްވާ
FacebookXWhatsAppTelegramViber

އަލިއަޅުވާލެވޭ މައްސަލަ

ރަސްމާލެ މަޝްރޫޢާ ގުޅިގެން ދޫކުރާ ރެޒިޑެންސް ވީޒާއަކީ ސިޔާސީ ގޮތުން ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ. އިދިކޮޅު ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި، މިއީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެ އާބާދުވުމަށް ދެވޭ ވީޒާއެކެވެ.5 މިފަރާތްތަކުން މިކަން ގުޅުވަނީ އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރު އިޒްރޭލާއެކު ވިޔަފާރީގެ މުޢާމަލާތްތައް ކުރާ ކަމަށް ބުނާ ރިޕޯޓްތަކާއެވެ.4، 5 ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ ރަސްމާލެއަށް ޔަހޫދީން ގެންނަން އުޅޭ ކަމަށް ތުހުމަތު ކުރައްވާފައެވެ.4، 5 ނަމަވެސް ސަރުކާރުން މިކަން ސިފަކޮށްފައިވަނީ ޙަޤީޤަތް އޮޅުވާލުމެއްގެ ގޮތުގައެވެ.5

މި މަޒުމޫނުގައި މި ތުހުމަތުތަކުގެ ޤާނޫނީ ހަގީގަތުގެ މައްޗަށް ބަލައިލާނެއެވެ. ވީޒާއަކީ ކޮބައިކަމާއި، އެކަމާ ގުޅޭ ބައިނަލްއަޤްވާމީ އުސޫލުތަކަކީ ކޮބައިކަމާއި، އަދި ރަސްމާލެ އެއްބަސްވުމުގައި ހިމެނެނީ ކޮން ކަންތައްތަކެއްކަން ދިރާސާކުރާނެއެވެ. ކޮންމެ ތުހުމަތެއްވެސް އަޅާކިޔާނީ އެކަމާ ގުޅޭ ޤާނޫނީ ލިޔެކިޔުންތަކާއި ރަސްމީ ބަޔާންތަކަށެވެ.

ވީޒާއަކީ ކޮބައިކަން

ވީޒާއަކީ ބޭރުޤައުމެއްގެ ރައްޔިތަކަށް އެހެން ޤައުމަކަށް އެތެރެވުމަށް ނުވަތަ އެ ޤައުމެއްގައި ހުރުމަށް ދެވޭ ހުއްދައެކެވެ. މިއީ ވަކި ބޭނުމަކަށް އަދި ވަކި މުއްދަތަކަށް ދެވޭ ހުއްދައެކެވެ. ޝަރުޠުތަކެއްގެ މަތިން ދެވޭ އަދި ކޮންމެ ވަގުތަކުވެސް ބާތިލްކުރެވިދާނެ ހުއްދައެކެވެ. މިއީ އެ ހުއްދަ ލިބޭ މީހާއަށް ދައުލަތުގެ މައްޗަށް ދަޢުވާކުރެވޭނެ ޙައްޤެއް ލިބިދޭ އެއްޗެއް ނޫނެވެ. ވީޒާގެ ސަބަބުން ސިޔާސީ އެއްވެސް ބައިވެރިވުމެއްގެ ހައްޤު ނުލިބެއެވެ. އެހެންކަމުން، ވީޒާ އޮންނަ މީހަކަށް ވޯޓެއް ނުލެވޭނެއެވެ. މަޤާމެއް ނުފުރުވޭނެއެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތަކަށް ވުމަށްވެސް ނޭދެވޭނެއެވެ.

ވީޒާއަކީ ގިނަ ފަހަރަށް އިމިގްރޭޝަން ސްޓޭޓަސްއެއް ކަމަށް ބެލެވެއެވެ. ޤާނޫނީ ގޮތުން ބަލާއިރު، ވީޒާއަކީ އެ ހުއްދަދޭ ވަސީލަތެވެ. އަދި އޭގެ ސަބަބުން ލިބޭ “ސްޓޭޓަސް” އަކީ ޤާނޫނީ ގޮތުން އެތެރެވުން ނުވަތަ ދިރިއުޅުމެވެ. ދައުލަތުން މި ސްޓޭޓަސް މާނަކޮށް، ހަނިކޮށް، އައުކޮށް އަދި ފަހުން ނިމުމަކަށްވެސް ގެނެއެވެ. ރައްޔިތަކަށް ވުމަކީ މުޅިން ތަފާތު ޤާނޫނީ ގުޅުމެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން، މުސްލިމަކަށް ނުވާ މީހަކަށް ދިވެހި ރައްޔިތަކަށް ނުވެވޭނެއެވެ.

ވީޒާގެ މުއްދަތަކީ އޭގެ އަސްލު ބަދަލުވާ ކަމެއް ނޫނެވެ. 99 އަހަރު ނުވަތަ 999 އަހަރަށް ދީފައިވާ ވީޒާއެއްވެސް އެހެން މީހަކަށް ބަދަލެއް ނުކުރެވޭނެއެވެ. އަދި އެ މީހަކަށް ލިބޭ ދަރިންނަށްވެސް ރައްޔިތަކަށް ވުމުގެ އެއްވެސް ޙައްޤެއް، އެ ވީޒާގެ ދަށުން ނުލިބޭނެއެވެ.

ބައިނަލްއަޤްވާމީ އުސޫލުތައް

ބައިނަލްއަޤްވާމީ ޤާނޫނުތައް ފެށެނީ ދައުލަތަކަށް އެތެރެވާނީ ކޮން ބައެއްކަން ނިންމުމުގެ ފުރިހަމަ ބާރު އެ ދައުލަތަކަށް ލިބިގެންވާކަމުގެ އަސާސުންނެވެ. ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްއިން 1985 ވަނަ އަހަރު ވަނީ “ބޭރު ޤައުމުތަކުގެ މީހުން އެ ޤައުމަކަށް އެތެރެވުން ކޮންޓްރޯލް ކުރުމުގެ ޙައްޤު ދައުލަތަށް ލިބިގެންވާ” ކަމަށް ނިންމާފައެވެ.3

އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (ICCPR) ގައިވެސް މި އުސޫލު ހިފަހައްޓައެވެ. މި މުޢާހަދާގެ 12 ވަނަ މާއްދާއިން ހިމާޔަތްކޮށްދެނީ “ޤާނޫނީ ގޮތުން ދައުލަތެއްގެ ތެރޭގައި ތިބޭ” މީހުންގެ ހަރަކާތްތެރިވުމުގެ މިނިވަންކަމެވެ. 13 ވަނަ މާއްދާއިން ހިމާޔަތްކޮށްދެނީ ޤާނޫނީ ގޮތުން ތިބޭ ބޭރު މީހުން އުސޫލެއް ނެތި ބޭރުކޮށްލުމުންނެވެ. އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން 1986 ވަނަ އަހަރު ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި މުޢާހަދާއިން ބޭރު މީހަކަށް އެހެން ޤައުމަކަށް އެތެރެވުމުގެ ނުވަތަ ދިރިއުޅުމުގެ ޙައްޤެއް ނުދެއެވެ.9

ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ICERD) ގެ ދަށުން، ރައްޔިތުންނާއި ރައްޔިތުން ނޫން މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމުގެ ހުއްދަ އޮވެއެވެ. ނަމަވެސް، ވަކި ޤައުމެއްގެ މީހަކަށް ވީތީ ތަފާތުކޮށްގެން ނުވާނެއެވެ. މިއީ ރާއްޖެއިންވެސް އަމަލުކުރަންޖެހޭ އިލްތިޒާމެކެވެ. 2025 ވަނަ އަހަރު އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާކުރި ކުރުމަކީ ތަފާތުކުރުމެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.1

“ސެޓްލާ ކޮލޯނިއަލިޒަމް” ނުވަތަ އިސްތިޢުމާރީ ވަޒަންވެރިވުމަކީ މުޅިން ތަފާތު ޤާނޫނީ އަދި އިލްމީ މަފްހޫމެކެވެ. މިއީ އަސްލު ރައްޔިތުން ނައްތާލައި، އެމީހުންގެ ބަދަލުގައި އެހެން ބަޔަކު ވަޒަންވެރިވުމަށް ހިންގާ އުދުވާނީ ހަރަކާތެކެވެ.10 ޖެނީވާ ކޮންވެންޝަންގެ ދަށުން، އިސްތިޢުމާރުކޮށްގެން އުޅޭ ބާރަކުން އެބައެއްގެ މަދަނީން، އިސްތިޢުމާރު ކޮށްފައިވާ ބިމަށް ބަދަލުކުރުމަކީ މަނާކަމެކެވެ. މި ހުރިހާ ކަމެއްވެސް ހިނގަނީ ބޭރުގެ ބާރަކުން ބިމެއްގެ މައްޗަށް ވެރިވެގަތުމުންނެވެ. ނަމަވެސް، ދައުލަތަކުން ދޫކުރާ ވީޒާއަކީ މީގެ މުޅިން އިދިކޮޅު ކަމެކެވެ.

ރަސްމާލެ އެއްބަސްވުމުގައި ހިމެނެނީ ކޮން ކަންތައްތަކެއް؟

އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި އީގަލް ހިލްސްއާ ދެމެދު 21 ސެޕްޓެމްބަރު 2026 ގައި ވިޔަފާރީގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.6 މީގައި ހިމެނެނީ 500 ހެކްޓަރުގެ ބިމުގައި ހިމެނޭ 8,800 އެޕާޓްމަންޓް ނުވަތަ ގެއެވެ.6، 7 ޤާނޫނުއަސާސީގެ 251 ވަނަ މާއްދާއިން ބޭރު މީހުންނަށް ބިން މިލްކުކުރުން މަނާކުރެއެވެ. އެހެންކަމުން، ކުއްޔަށްހިފާ ފަރާތްތަކަށް ލިބޭނީ 99 އަހަރާ ހަމައަށް ލީޒްހޯލްޑް ކުރުމުގެ ޙައްޤެވެ. ބިން އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައެވެ.6

ކޮމާޝަލް ޓާމްސް އެއްބަސްވުމަކީ ކުލީގެ އެއްބަސްވުމެއް ނޫނެވެ. އިނގިރޭސިން ބަހުން ކިޔާގޮތަށް ނަމަ ކޮމާލް ޓަމްސް އެގްރީމެންޓަކީ އެއްވެސް ހާލެއްގައި ލީސްއެގްރީމެންޓެއް ނޫނެވެ. އެއީ މައިގަނޑު ވިޔަފާރި އުސޫލުތައް ކަނޑައަޅާ ލިޔުމެކެވެ.6 ވީމާ ލީސްއެގްރީމެންޓަކާ ހަމަޔަށް ދިޔުމުގެ ކުރިން އެކްއިޒިޝަން ކޮސްޓްގެ ވާހަކައެއް ނާންނާނެއެވެ. ބިމުގެ ޙައްޤުތައް ލިބޭނީ އޭގެ ފަހުން ކުރެވޭ ކުލީގެ އެއްބަސްވުންތަކުން ނުވަތަ ލީސް އެގްރީމެންޓްތަކުންނެވެ. ރިޕޯޓްތައް ބުނާގޮތުން، ސަރުކާރަށް ކުރިން ފައިސާ ދިނުމުގެ ބަދަލުގައި، އާމްދަނީގެ ބައެއް ދައުލަތަށް ލިބޭނެއެވެ. އެގޮތުން، ފުރަތަމަ ވިއްކާ އަދި ކުއްޔަށްދޭ ތަންތަނުން ލިބޭ އާމްދަނީގެ 10 އިންސައްތަ އަދި ކުއްޔަށް ހިފާ ފަރާތް ބަދަލުކުރާ ކޮންމެ ބަދަލުކުރުމަކުން އާމްދަނީގެ 4 އިންސައްތަ ދައުލަތަށް ލިބޭނެއެވެ.5، 7

އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ގޮތުގައި، ތަންތަން ގަންނަ ފަރާތްތަކަށް އޮޓޮމެޓިކުން ވީޒާއެއް ނުލިބޭނެއެވެ.5 ގަންނަ ފަރާތްތައް އެޕްރޫވްކުރުމާއި ވީޒާ ދިނުމުގެ ބާރު އޮންނާނީ ސަރުކާރަށެވެ.6 އަދި ނުއުފުލޭ މުދަލެއް ނުވަތަ ރެސިޑެންސެއް ގަތުމުގެ ސަބަބުން ދާއިމީ ރެޒިޑެންސީ ނުވަތަ ރައްޔިތަކަށް ވުމުގެ ފުރުޞަތެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.6 ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންވެސްޓަރ ވީޒާ ކޮންމެ ފަސް އަހަރަކުން އައުކުރަން ޖެހޭނެ ކަމަށެވެ.5

އިޒްރޭލުގެ ވަޒަންވެރިވުމާ މެދު އޮތް ބިރުވެރިކަމަށް ހައްލު ހޯދުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. 15 އެޕްރީލް 2025 ގައި އިމިގްރޭޝަން ޤާނޫނަށް ގެނެވުނު ތިންވަނަ އިޞްލާޙާއެކު، އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފައެވެ.8 ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އިޒްރޭލު ރައްޔިތުންނަށް ރަސްމާލެއިން ބިން ގަތުން ޤާނޫނީ ގޮތުން މަނާވާނެއެވެ.2 މިނިސްޓަރ މުއްޠަލިބު ވިދާޅުވީ އިޒްރޭލު މީހުންނާއި އިޒްރޭލުގެ ކޮންޓްރޯލް އޮންނަ ކުންފުނިތައް މި މަޝްރޫޢުގެ މިލްކުވެރިކަމުގެ އެއްވެސް މަރުޙަލާއެއްގައި ބައިވެރިނުކުރެވޭނެ ކަމަށެވެ.5 ރެސިޑެންސެއް ގަންނަ، އެބަހީ ކުއްޔަށް ހިފާ ފަރާތްތަކުން އެމީހަކު ރައްޔިތުކަން ހޯދާފައިވާ ހުރިހާ ޤައުމުތައް ހާމަކުރަންޖެހޭނެ ކަމަށާއި، ދޮގު މަޢުލޫމާތު ދީފިނަމަ ކުލީގެ އެއްބަސްވުން ބާތިލްވާނެ ކަމަށްވެސް ވިދާޅުވިއެވެ.5 އަދި އެއްވެސް ވަކި ޤައުމެއްގެ ބަޔަކަށް މުޅި ޒޯންގައި ހިމެނޭ މިލްކިއްޔާތުގެ 25 އިންސައްތައަށްވުރެ އިތުރަށް ނުލިބޭނެއެވެ.5، 7

މި ފިޔަވަޅުތަކުގައި ބައެއް އުނިކަންކަން ހުރިކަން ފާހަގަކުރެވެއެވެ. ލީސްއެގްރީމެންޓެއް ނުވަތަ ކުލީގެ އެއްބަސްވުން އަދި ޢާންމުކޮށްފައެއް ނުވެއެވެ.6، 7 އަދި ބަންޑާރަނައިބު ވަނީ މިއީ “ލެޓަރ އޮފް އިންޓެންޓް” އެއް ކަމަށް ސިފަކުރައްވާފައެވެ. ކޮމާޗަލް ޓާމްސް އެގްރީމެންޓެއް މިގޮތަށްވެސް ސިފަކުރެވިދާނެއެވެ. ސަބަބކީ އެއީ ބައިންޑިންގެ ނުވަތަ ވަކިއިލްތިޒާމްތަކެއް މާލީގޮތުންވިޔަސް، ސިޔާސީ ގޮތުންވިޔަސް އަދި ގާނޫނީ ގޮތުންވިޔަސް ދައުލަތުން އުފުލުމަށް ލާޒިމުކުރާ އެއްޗަކަށް ނުވާތީއެވެ. ރިއަލް އެސްޓޭޓް ބިލް އަދި މަޖިލީހުން ފާސްކޮށްފައެއް ނުވެއެވެ.7 އެހެންކަމުން، މި ޤާނޫނުތައް ވުޖޫދަށް އަންނަންދެން، މި ހުރިހާ ފިޔަވަޅުތަކަކީ ޤާނޫނީ ގޮތުން މަޖުބޫރު ކަންކަމަށްވުރެ ބޮޑަށް ހަމައެކަނި ސަރުކާރުގެ ރަސްމީ ވަޢުދުތަކެކެވެ.

“ސްޓްރޯމޭން” ނުވަތަ ހުއިބުދުގެ އަސްލު

“ސްޓްރޯމޭން ފެލަސީ” އަކީ އިދިކޮޅު ފަރާތުގެ އަސްލު މަވްޤިފުގެ ސިފާގައި ހުއިބުދެއް ހެދުމެވެ. ދެން އިދިކޮޅުފަރާތުގެ އަސްލު މައުޤިފަށް ރައްދުދިނުމުގެ ބަދަލުގައި، މީހުން ލައްވާ އެ ހުއިބުދަށް ގަޅިއުކުވުމެވެ. މި މައްސަލައިގައި އަސްލު މަވްޤިފަކީ މަޝްރޫޢުގެ އިގްތިޞާދީ އަދި މާލީ ފައިދާއާއި ނަފާ އެކުލެވޭ ފަރުމާއެވެ. އެއަށްފަހު ރާއްޖޭގެ ޤާނޫނުގެ ދަށުން، ބަލައި ޗެކްކުރެވިގެން ލީސްހޯލްޑަރުން ނުވަތަ މަޝްރޫޢުގައި ހިމެނޭ ތަންތަން ކުއްޔަށްހިފާ ފަރާތްތަކަށް ދޫކުރާ، އައުކުރެވޭ އަދި ބާތިލްކުރެވޭ ރެޒިޑެންސް ވީޒާއެވެ. މި މައުޤިފް ދޫކޮށްލާ، އެކަމަކު މިޔާ ގުޅުވައިގެން ހަދާފައިވާ ހުއިބުދަކީ، މި މަޝްރޫޢަކީ ޒަޔަނިސްޓުން ވަޒަންވެރިވުމަށް ދެވޭ ވީޒާއެއް ކަމަށް ސިފަކުރުމެވެ. މި ހުއިބުދު އުފައްދާފައިވަނީ މައިގަނޑު ތިން ސިފައެއް ޖައްސައިގެންނެވެ.

ފުރަތަމަ ސިފަޔަކީ، ދިރިއުޅުމުގެ ހުއްދަ (ރެޒިޑެންސް) އަކީ އިސްތިޢުމާރީ ވަޒަންވެރިވުމެއްގެ ގޮތުގައި ސިފަކުރުމެވެ. ނަމަވެސް އިސްތިޢުމާރީ ވަޒަންވެރިވުމުގެ އެއްވެސް ސިފައެއް މިކަމަކު ނެތެވެ. ބިން އޮތީ ދައުލަތުގެ މިލްކިއްޔާތުގައެވެ. ހުއްދަ ލިބޭ މީހުންނަށް ސިޔާސީ އެއްވެސް ޙައްޤެއް ނުލިބެއެވެ. އަދި ހުއްދަ އައުނުކުރުމުގެ ބާރު ދައުލަތަށް އޮވެއެވެ.

ދެވަނަ ސިފައަކީ، މިކަމުގެ ފައިދާ ލިބޭ އަސްލު ފަރާތްތައް އެހެން ބަޔަކަށް ބަދަލުކުރުމެވެ. ތަފާތު ޤައުމުތަކުގެ އިންވެސްޓަރުންނަކީ، އިންވެސްޓަރުންގެ ބަދަލުގައި “ޒަޔަނިސްޓުން” ކަމުގެ ސިފަ ޖެއްސުމެވެ. މިއީ އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުންނާއި އެމީހުންގެ ކޮންޓްރޯލް އޮންނަ ކުންފުނިތައް ސަރުކާރުން، މި މަޝްރޫޢުއިން ބާކީކޮށްފައި އޮތް އޮތުމާ ދިމާނުވާ ވާހަކައެކެވެ.

ތިންވަނަ ސިފައަކީ، ގުޅުމެއް އޮތް ކަމަށް ސިފަކޮށް، އެ ސިފަ ކުށްވެރިކުރުމެވެ. އަލައްބާރު އިޒްރޭލާއެކު ވިޔަފާރިކުރާ ކަމަށް ބުނާ ބުނުމަކީ މުޅި މަޝްރޫޢުގެ މަޤްޞަދު ސާބިތުކޮށްދޭ ހެއްކެއް ކަމަށް ސިފަކުރުމެވެ.4 ޤާނޫނީ ގޮތުން ލިޔުމެއްގެ ބާރު ބިނާވެގެންވަނީ އެ ލިޔުމެއްގައިވާ މާއްދާތަކުގެ މައްޗަށެވެ. އަދި ވީޒާ ދޫކުރުމުގެ ބާރު އޮންނަނީ ހަމައެކަނި ދިވެހި ދައުލަތަށެވެ.

މިފަދަ ވީޒާއަކީ ރާއްޖެއަށް އައު އެއްޗެއް ނޫނެވެ. ރައީސް ޔާމީންގެ ސަރުކާރުން 2015 ގައި 1 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާ ގުޅޭ ކޯޕަރޭޓް ރެޒިޑެންސް ވީޒާ ތަޢާރަފުކުރިއެވެ.5 ރައީސް ޞާލިޙްގެ ސަރުކާރުން 2020 ގައި މި ޢަދަދު 250,000 ޑޮލަރަށް ދަށްކުރިއެވެ.5 އެހެންކަމުން، ކުރީގެ ސަރުކާރުތަކުންވެސް ވަނީ މި ވަސީލަތް ބޭނުންކޮށްފައެވެ.

ނިންމުން

ވީޒާއަކީ ދައުލަތަކުން ދޭ ހުއްދައެކެވެ. އެއީ އިސްތިޢުމާރީ ބާރެއް ދިނުމެއް ނޫނެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން، މީހުން އެތެރެވުމާއި ދިރިއުޅުމުގެ ހުއްދަ ދިނުމުގެ ފުރިހަމަ ބާރު އޮތީ ދިވެހި ދައުލަތަށެވެ. ރަސްމާލެ މަޝްރޫޢުގެ ރަސްމީ މަޢުލޫމާތަށް ބަލާއިރު، ބިމާއި ވީޒާ އަދި ރައްޔިތަކަށް ވުމުގެ ބާރު އޮތީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައެވެ. އިސްތިޢުމާރީ ވަޒަންވެރިވުމެއްގެ ގޮތުގައި މިކަން ސިފަކުރަނީ ޙަޤީޤަތް އޮތްގޮތުގެ މަޢުލޫމާތާއި، މި މަފްޙޫމްތަކުގެ ޢިލްމީ މަޢުލޫމާތުތައް ރައްޔިތުންނަށް ކިޔައިދެވޭލެއް މަދުކަމުންނެވެ. ދައުލަތުގެ މީޑިއާއާއި، އަމިއްލަމީޑިއާތަކުގެ ސަމާލުކަންވެސް، ސިޔާސީ މިސްރާބަކަށް ދީލާލެވޭ ފަހަރުތައް ގިނަކަމުންނެވެ.

ސަރުކާރުން މި ހުއިބުދުގެ ސިފަތައް ދޮގުކުރުމަކީ، މަޝްރޫޢާއި ބެހޭ މަޢުލޫމާތު ފަތުރާ އޭގެން ދައުލަތާއި ރައްޔިތުންނަށް ލިބިދާނެ ފައިދާތަކަށް މީހުން ހޭލުންތެރި ކުރުވުމެއް ނޫނެވެ. ނުވަތަ މިފަދަ ބޮޑު ބިޔަ މަޝްރޫޢެއް ފައިދާހުރި ގޮތެއްގައި ހަގީގަތަކަށް ހަދައި ކާމިޔާބީ ހާސިލުކުރެވޭތޯ، ދައުލަތުގެ މުއައްސަސާތަކާއި އިންސާނީ ވަސީލަތްތަކުގައި ދަހަނާ އެޅުވުމެއްވެސް ނޫނެވެ. ހުއިބުދެއްގެ ސިފަތައް ދޮގުކުރުމަކީ ސަރުކާރަކުން ޖަވާބުދޭން ޖެހޭ ސުވާލުތަކެއްގެ ޖަވާބު ލިބުމެއް ނޫނެވެ. ބިން ކުއްޔަށް ދިނުމުގެ އުސޫލުތަކާއި، ދައުލަތަށް ލިބޭ އާމްދަނީއާއި، އަދި ހާމަ ކުރެވިފައި ނުވާ ލީސް އެއްބަސްވުމާ މެދު ބަހުސްކުރަން ޖެހެއެވެ. ނަމަވެސް އެ ސުވާލުތަކަށް ޖަވާބު ހޯދަންޖެހޭނީ ޙަޤީޤަތް އޮޅުވާނުލައި، ކަމުގެ އަސްލަށް ބަލައިގެންނެވެ. ސަރުކާރުން، ބަޔަކު ހެދި ހުއިބުދެއްގައި، އެބަޔަކު އަމިއްލައަށް ޖެއްސި ސިފަތަކެއް ދޮގުކުރުމުގައި އަވަދިނުވެ އުޅެންޏާ، އެވާނީ ހުއިބުދު ހެދި މީހުންނާ އެކީ، ސަރުކާރުވެސް ހުއިބުދަށް ގަޅިއުކުމުގައި އުޅެނީކަމުގައެވެ.

މައުލޫމާތުގެ މަސްދަރުތައް

1. އޭ.އޯ.އެލް (2025) ލަގްޒަރީ މަންޒިލަކުން މި ގައުމުގެ ހުރިހާ ފަތުރުވެރިން އައުން މަނާކޮށްފި. ލިންކް

2. އެޑިޝަން.އެމްވީ (20 އޮކްޓޯބަރު 2026) އިސްރާއީލު މީހުންނަށް ރަސްމާލެއިން ބިން މިލްކުނުކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަވާނެ: ރައީސުލްޖުމްހޫރިއްޔާ. ލިންކް

3. ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް (1985) އަބްދުލްއަޒީޒް، ކަބާލޭސް އަދި ބަލްކަންދަލީ ވ. ޔުނައިޓެޑް ކިންގްޑަމް، އެޕްލިކޭޝަން ނަންބަރު: 9214/80، 9473/81، 9474/81. ލިންކް

4. މޯލްޑިވްސް އިންޑިޕެންޑެންޓް (2026ހ) ބޭރުގެ ފައިސާ، ނަމަވެސް ބޭރުގެ އަވަށްޓެރިންނެއް ނޫން: ރަސްމާލެ އާއި ބިމުގެ ސިޔާސަތު. ލިންކް

5. މޯލްޑިވްސް އިންޑިޕެންޑެންޓް (2026ށ) ރެޒިޑެންސީ ވިއްކުން: ރަސްމާލެ، އައިލާ އަދި ޕާލް ވިސާއާ ގުޅޭގޮތުން އެނގިފައިވާ މައުލޫމާތު. ލިންކް

6. މޯލްޑިވްސް އިންޑިޕެންޑެންޓް (2026ނ) ‘އިންޗިއެއް ވެސް ނުވިއްކަން’: އީގަލް ހިލްސް އެއްބަސްވުމާއި ބޭރުމީހުންނަށް ބިން މިލްކުކުރެވޭ މައްސަލަ. ލިންކް

7. މޯލްޑިވްސް އިންޑިޕެންޑެންޓް (2026ރ) ސަލާމްޖަހާ ތަށިތަކާއި، ވަކި ބަޔަކަށް ހާއްސަ ސަރަހައްދުތަކާއި 99 އަހަރުގެ ރިސެޓް: ރަސްމާލެ ލީކްސް. ލިންކް

8. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ދިވެހިރާއްޖެ (2025) އިމިގްރޭޝަން ގާނޫނަށް ގެނެވުނު ތިންވަނަ އިސްލާހު ތަސްދީގުކުރުން. ލިންކް

9. ޔޫ.އެން ހިއުމަން ރައިޓްސް ކޮމިޓީ (1986) ޖެނެރަލް ކޮމެންޓް ނަންބަރު 15، މުއާހަދާގެ ދަށުން ބޭރު ގައުމުތަކުގެ މީހުންނަށް އޮތް ހާލަތު. ލިންކް

10. ވެރަސީނީ، އެލް. (2010) ސެޓްލަރ ކޮލޯނިއަލިޒަމް: ތިއޮރެޓިކަލް އޯވަރވިއު. ޕަލްގްރޭވް މެކްމިލަން. ލިންކް

Support Independent Writing

Subscribe to the Journal

Subscribe free to receive new writing in English and Dhivehi and to download the free Practical Tools. Premium subscribers can also download the premium tools.

Compare free and premium ↗

މިނިވަން ލިޔުންތެރިކަން ބާރުވެރިކުރައްވާ

ޖާނަލްއަށް ސަބްސްކްރައިބް ކުރައްވާ

އިނގިރޭސި އަދި ދިވެހި ބަހުން ޝާއިޢުކުރެވޭ އައު ލިޔުންތައް ހޯއްދެވުމަށާއި، ހިލޭ ލިބޭ "ޕްރެކްޓިކަލް ޓޫލްސް" ތައް ޑައުންލޯޑް ކުރެއްވުމަށް ހިލޭ ސަބްސްކްރައިބް ކުރައްވާށެވެ. މީގެ އިތުރުން، ޕްރީމިއަމް ސަބްސްކްރައިބަރުންނަށް "ޕްރީމިއަމް ޓޫލްސް" ތައް ވެސް ޑައުންލޯޑް ކުރެއްވޭނެއެވެ.

ހިލޭ އަދި ޕްރީމިއަމް ޚިދުމަތްތަކުގެ ތަފާތު ބައްލަވާލައްވާ ↗

Get new articles by emailއައު މަޒުމޫނުތައް އީމެއިލް މެދުވެރިކޮށް ހޯއްދަވާ